އަނބިމީހާއަށް ވަފާތެރިވާށެވެ.
5
‏1 ދަރިފުޅާއެވެ!
އަހަރެން މިދޭ ހިކުމަތްތެރި ނަސޭހަތާއި ލަފާތައް ކަލޯ ކަނުލައި އަހައިފިނަމަ،
‏2 ކަލޯއަށް ހެޔޮނުބައި ވިސްނޭނެއެވެ.
އޭރުން ބުނަންވީ ހެޔޮބަސްތައް ކަލޯއަށް އެނގޭނެއެވެ.
‏3 ވަގުފިރިން ގެންގުޅޭ އަންހެންމީހާގެ ތުންފަތަކީ މާމުއިފަދަ ފޮނި،
ޒައިތޫނި ތެޔޮފަދަ އޮމާން އެއްޗެކެވެ.
‏4 އެކަމަކު އެންމެފަހުން އެއިން ލިބޭނީ ހިތި ޒަހަރެކެވެ.
‏5 އޭނާގެ ފައިތިލަ ވަނީ މަރާ ދިމާއަށެވެ.
އޭނާ ފިޔަވަޅު އަޅާނީ ކަށްވަޅާ ދިމާއަށެވެ.
‏6 އެހެނީ ދިރިހުރުމުގެ މަގުން އޭނާ ވަނީ އެއްކިބާ ވެފައެވެ.
އޭނާއަކަށް އެމަގެއް ނޭނގެއެވެ.
‏7 މަގޭ ދަރިފުޅާއެވެ.
އަހަރެން މި ބުނާއެއްޗެއް ކަނުލައި އަހާށެވެ.
‏8 އެ އަންހެންމީހާއާ ދުރުހެލި ވާށެވެ.
އޭނާގެ ގޭ ދޮރުމައްޗަށް ވެސް ނާރާށެވެ.
‏9 ކަލޯ އެތަނަށް ގޮސް އުޅޭނަމަ ކަލޯގެ އަގުވެއްޓި ހިނގައިދާނެއެވެ.
ކޮންމެވެސް ރަޙުމެއްނެތް ބައެއްގެ އަތްދަށުވެ ކަލޯގެ ޙަޔާތް ބަރުބާދު ވެދާނެއެވެ.
‏10 ކަލޯ އަތުގައި ހުރިއްޔާ ހުރި ފައިސާއަކާއި މުދަލެއް ހިލޭ ބައެއްގެ އަތްދަށަށް ހިނގައިދާނެއެވެ.
‏11 އެންމެފަހުން ކަލޯ ހިކި އަނަރޫފަވެ ބަލި އެނދުގައި ރޮއިރޮއި އޮންނަން ޖެހިދާނެއެވެ.
‏12 އޭރުން ކަލޯ ބުނާނެއެވެ.
”ތަރުބިއްޔަތަށް ނަފްރަތު ނުކުރެވުނު ނަމައެވެ.
ދެވުނު އިސްލާހު ބަލައިގަނެވުނު ނަމައެވެ.
‏13 އަހަރެންގެ އެދުރުންގެ ބަސް އަޑުއެހުނު ނަމައެވެ.
‏14 މިހާރު އަހަރެން މިވަނީ މީސްތަކުންގެ ކުރިމަތީ އަގުވެއްޓި އިނދަޖެހިފައެވެ.“
‏15 ފެން ބޯންވާނީ އަމިއްލަގޭ ވަޅުންނެވެ.
ހުރިހާ ލޯތްބެއް ދޭންވާނީ އަމިއްލަ އަނބިމީހާއަށެވެ.
‏16 ދިމާވި ކޮންމެ އަންހެނަކީ ފެންބޯ ފެންއާރެއްގެ ގޮތުގައިވެ ނުގަންނާށެވެ.
‏17 ތިމާގެ ފެންއާރުން ފެންދޭންވާނީ އަމިއްލަ އަނބިމީހާ އަށެވެ.
ހިލޭ އަންހެނުންނަކަށް ނޫނެވެ.
‏18 ކަލޯގެ ޅައުމުރުގައި އިން އަނބިމީހާގެ ގާތުން އުފަލާއި އަރާމު ހާސިލު ކުރާށެވެ.
‏19 އޭނާއަކީ ފުއްލާއެއް ފަދަ ބަނިޔާދަން ކުއްޖެކެވެ.
އޭނާގެ ކިބައިން އޭރު ލިބުނު ފުން ލޯބި ލިބިގަނެ އޭނާގެ ގާތުން އުފާ ލިބިގަންނާށެވެ.
‏20 ފިރިމީހާއަށް ބޭވަފާތެރިވި އަނތްބަކާ ހެދި މޮޔަވެ ނުގަންނާށެވެ.
‏21 އެހެނީ މާތްރަސްކަލާނގެ އަހަރެމެން ކުރާ ހުރިހާ ކަންތަކަށް ބައްލަވާ ވޮޑިގަންނަވައެވެ.
‏22 ފާހިޝު ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެކެވެ.
އޭގައި ބެދޭނީ ވެސް ހަމަ އެމީހުންނެވެ.
‏23 އެމީހުން މަރުވެ އެދަނީ އެމީހުންގެ މޮޔަކަމާއި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނު ކަމުގެ ސަބަބުންނެވެ.