ޒުވާނުންނަށް ދެއްވި ނަސޭހަތް
4
‏1 މަގޭ ދަރިފުޅާއެވެ!
ބައްޕަ ދޭ މި ނަސޭހަތުގެ އަޑު ރަނގަޅަށް ކަނުލާ އަހާށެވެ.
އޭރުން ކަލޯއަށް ހެޔޮނުބައި ދަސްވާނެއެވެ.
‏2 އަހަރެންގެ މި ނަސޭހަތަކީ ހެޔޮ އެއްޗެކެވެ.
ވީމާ މިތަކެތި ރަނގަޅަށް ހަނދާން ބަހައްޓާށެވެ.
‏3‏-4 އަހަރެން ބައްޕަ ކައިރީގައި ތުއްތު ކުއްޖެއްގެ ގޮތުގައި ހުރި ހިނދު،
މަންމަގެ ހުރި އެންމެ ދަރިފުޅު ކަމުގައި ވީހިނދު،
ބައްޕަ ބުނުއްވިއެވެ.
”ތިމަންގެ ބަސް ހިތުގެ ފުންމިނުގައި ބިންވަޅު ނަގާށެވެ.
ތިމަން މިބުނާގޮތަށް ކަންތައް ކޮށްފިއްޔާ ކަލޭ ދިރިހުންނާނެއެވެ.
‏5 ހެވާއި ނުބައި ދަސްކޮށްގަނެ ބުއްދީގެ ބޭނުން ހިފާށެވެ.
ތިމަން މިބުނި އެއްޗެއް ހަނދުމަ ނުނައްތާށެވެ.
‏6 ބުއްދި އެއީ ރީތި ކަމަނާއެއް ކަމަށް ދެކޭށެވެ.
ވީއިރު އެ ކަމަނާ ދޫކޮށް ނުދާށެވެ.
އެކަމަނާ ދެކެ ލޯބިވުން ދޫކޮށް ނުލާށެވެ.
އޭރުން އެކަމަނާ ކަލެއަށް ރައްކާތެރިކަމުގެ މަގު ދައްކާނެއެވެ.
‏7 ބުއްދިއަކީ އެންމެ މަތިވެރި ކަންތަކެވެ.
އެހެންވެ ކަލޭ އަތުގައި ހުރި ހުރިހާއެއްޗެއް ދީފައި ވެސް ބުއްދީގެ ކަމަނާ ލިބިގަނެ ތަންދޮރު ވަކިކޮށް ދެނެގަންނާށެވެ.
‏8 އެކަމަނާއަށް އިސްކަންދީ އޭނާ ދައްކާ މަގުން ހިނގައިފިނަމަ ކަލެއަށް މަތިވެރި ޝަރަފު ލިބޭނެއެވެ.
‏9 އޭނާ ކަލޭގެ ބޮލުގައި މާފައްޗެއް ބާއްވާނެއެވެ.
އިއްޒަތުގެ ތާޖެއް އަޅުވާނެއެވެ.“
ހެޔޮ މަގާއި ނުބައިމަގު
‏10 މަގޭ ދަރިފުޅާއެވެ.
ކަލޯ މަގޭ ބަސް އަހާށެވެ!
އޭރުން ކަލޯއަށް ދިގު އުމުރެއް ލިބޭނެއެވެ.
‏11 ކަލޯއަށް ބުއްދި ލައިދީ،
އުޅޭނެ ހެޔޮގޮތް އަހަރެން ދަސްކޮށް ދިނީމެވެ.
‏12 އެ ބުއްދީގެ ބޭނުން ހިފައިގެން ކަލޯ ކުރިޔަށް ހިނގާނަމަ އެމަގެއްގައި ހުރަހެއް ނުހުންނާނެއެވެ.
ކަލޯ އަޅައިގަނެ ވެއްޓޭނެ ގަލެއް ނުހުންނާނެއެވެ.
‏13 އަހަރެން މިދޭ ފިލާވަޅުތަކުގައި ރަނގަޅަށް ހިފަހައްޓާށެވެ.
އެއީ ކަލޯގެ ދިރިއުޅުމެވެ.
‏14 ވިޔާނުދާ ނުލަފާ މީހުން ދައްކާ މަގުން ނުހިނގާށެވެ.
‏15 އެމީހުންނަށް ފުރަގަސްދީފައި އެހެން މަގަކުން ދާށެވެ.
‏16 ކުށެއްނެތް މީހަކަށް އަނިޔާއެއް ލަނޑެއް ނުދީ އެމީހުންނަކަށް ތަނެއްގައި ބުރަކަށިވެސް ޖައްސައެއް ނުލެވޭނެއެވެ.
އަދި ލޮލުފިޔައެއް ވެސް ނުޖެހޭނެއެވެ.
‏17 އެމީހުންގެ ކެއުމަކީ ވެސް ބުއިމަކީ ވެސް އަނިޔާވެރިކަމާއި ނުލަފާކަމެވެ.
‏18 ހެޔޮލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ފަތިހުގެ އަލިކަން ފާޅުވީއްސުރެން މެންދުރާ ހަމަޔަށް އަލިގަދަ ވަމުން ދާ ގޮތުގެ މިސާލެވެ.
‏19 ނުބައި ނުލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ކަނު އަނދިރީގައި ހިނގާ މީހުންގެ މިސާލެވެ.
އެމީހުން އަޅައިގެންފައި ވެއްޓޭނީ ކޮން އެއްޗެއްގައި ޖެހި ކަމެއް ވެސް ނޭނގޭނެއެވެ.
‏20 ދަރިފުޅާއެވެ!
އަހަރެން މިބުނާ އެއްޗެއްގެ އަޑު ނިކަން ރަނގަޅަށް އަހާށެވެ.
‏21 އަހަރެން މިބުނާ އެންމެ ލަފުޒެއް ވެސް ވައްޓާ ނުލާށެވެ.
އެ ބަސްތަކުން ހިތުގައި ބިންވަޅު ނަގާށެވެ.
‏22 މިބަސްތައް އެނގި ހުރުމަކީ ތިމާގެ ދިރިހުރުމެވެ.
ތިމާގެ ސިއްޙަތެވެ.
‏23 ތިމާ ވިސްނާ ކަންތަކަށް ސަމާލުވާށެވެ.
އެހެނީ ދިރިއުޅުން ބިނާވާނީ ތިމާ ވިސްނާ އެއްޗެއްގެ މައްޗަށެވެ.
‏24 ކުރާ އެއްވެސް ކަމެއްގައި ދޮގެއް ބުނެ ހީލަތެއް ނަހަދާށެވެ.
‏25 ސީދާ ކުރިމައްޗަށް ބަލައި ސީދާ މަގުން ކުރިޔަށް ހިނގާށެވެ.
ތިމާ ލަދުން އިސްޖެހުނަ ނުދޭށެވެ.
‏26 ތިމާ ހިނގަން ސީދާމަގެއް ގާއިމުކުރާށެވެ.
އަދި އެމަގުގައި ސާބިތުވެ ހުންނާށެވެ.
‏27 ކަނާތަށް ނުވަތަ ވައަތަށް އަޅަމުން ވިޔާނުދާ މަގުން އެކި ދިމަދިމާއަށް ނުހިނގާށެވެ.