ނެރުއްވުން
ތަޢާރަފު
މިއީ އިސްރާއީލުގެ ތާރީޚުގައި ހިނގާފައިވާ މުހިންމު ހާދިސާއެކެވެ. މި ފޮތުގައި ހިމެނެނީ ބަނީ އިސްރާއީލު މީހުން (ޢިބްރާނީން) މިޞްރުގައި އަޅުވެތިވުމުން މާތްރަސްކަލާނގެ އެމީހުން މިޞްރުގެ އަޅުވެތިކަމުގެ ތެރޭން މިންޖު ކުރައްވައި އެރަށުން ނެރުއްވި ގޮތުގެ ވާހަކައެވެ. މި ފޮތުގައި ހިމެނެނީ މުހިންމު ހަތަރު ބައެކެވެ:
1. ޢިބްރާނީންގެ މީހުން އަޅުވެތިކަމުން ސަލާމަތްވީ ގޮތް.
2. އެމީހުން ޠޫރުސީނާ ފަރުބަދައަށް ދަތުރުކުރުން.
3. އެމީހުންނާ މާތްކަލާނގެއާ ދެމެދު ކުރެވުނު ޢަހުދުނާމާ. އެއީ އެމީހުން އުޅެންވީ ގޮތާއި، އެކަކުއަނެކަކާ މެދު ކަންތައް ބަހައްޓަންވާ އުސޫލުތަކާއި، ދީނީގޮތުން ކަންތައް ކުރަންވީ ގޮތް އަންގަވައި މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް.
4. ބަނީ އިސްރާއީލީން މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ޚާއްސަ ފޭލިގެކޮޅެއް ތައްޔާރު ކުރުން. އަދި އަޅުކަން ކުރަންވީ ގޮތުގެ ތަފްސީލުތައް.
މިހުރިހާ ކަމެއްގެ އިތުރުން މި ފޮތުން ދައްކައިދެނީ ބަނީ އިސްރާއީލީން އަޅުވެތިކަމުގެ ތެރޭގައި ތިއްބައި މާތްރަސްކަލާނގެ އެމީހުން އެކަމުން ސަލާމަތް ކުރައްވައި، އެމީހުންނަށް އާ އުންމީދުތަކެއް ދެއްވައި، އެމީހުންގެ އަމިއްލަ ޤައުމެއް ގާއިމު ކޮށްދެއްވި ގޮތެވެ.
އެކަލާނގެ ކުރެއްވި މިކަންތަކުގައި އިންސާނުންގެ ތެރޭން އިސްވެ ހުންނެވީ މޫސާގެފާނެވެ. އެކަލޭގެފާނަކީ އިސްރާއީލީން މިޞްރުގެ ބިމުން ނެރުއްވުމަށް މެދުވެރި ކުރެއްވި ފަރާތެވެ. މި ފޮތުގައި އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ ވިހިވަނަ ބާބުގައި ހިމެނޭ ދިހަ އަމުރުފުޅެވެ.
ފޮތުގައި ހިމެނޭ ބައިތައް
އިސްރާއީލީން މިޞްރުން ބޭރުވުން (1:1—15:21)
ހ. އެމީހުން މިޞްރުގައި އަޅުވެތި ވެފައި ތިބި ތިބުން (1:1-22)
ށ. މޫސާގެފާނު އުފަންވުމާއި އެކަލޭގެފާނުގެ ތުއްޕުޅު ދުވަސްވަރު (2:1—4:31)
ނ. މޫސާގެފާނާއި ހާރޫނުގެފާނު ރަސްގެފާނުގެ އަރިހަށް ވަޑައިގެންނެވުން (5:1—11:10)
ރ. ފަހަނަޅައި ދަތުރުކުރެއްވުން (12:1—15:21)
ރަތްކަނޑު ހުރަސްކޮށް ޠޫރުސީނާ ފަރުބަދައަށް ދަތުރުކުރުން (15:22—18:27)
ޢަހުދުނާމާއާއި ޤާނޫނާއި ގަވާއިދުތައް (19:1—24:18)
ފޭލިގެކޮޅާއި އަޅުކަމުގެ ކަންތައް ކުރާނެ ގޮތުގެ އިރުޝާދުތައް (25:1—40:38)