ފެށުން
ދުނިޔެއާއި ކާއިނާތު އުފެއްދެވުން
1
‏1 މާތްﷲ އެންމެ ފުރަތަމަ އުފެއްދެވީ އުޑުތަކާއި މި ދުނިޔެއެވެ. ‏2 ދުނިޔެ އުފެއްދެވިއިރު އެވަނީ ސިފައެއްނެތި ހުސްކޮށެވެ. ވަށައިގެންވާ ފުންކަމުގައި ވަނީ އަނދިރިކަމެވެ. އޭރު މާތްﷲގެ ރޫޙުފުޅު ފެން މަތީގައި ބުރުއަޅަމުން ދިޔައެވެ.
‏3 ދެން މާތްﷲ ވަޙީކުރެއްވިއެވެ. ”އަލިކަން ފާޅުވޭ!“ ދެން ހަމަ އެއާއެކު ދުނިޔެ އަލިވެގެން ދިޔައެވެ. ‏4 މާތްﷲ އެ އަލިކަމަށް ބައްލަވާވޮޑިގެން އެއަލިކަން ރަނގަޅުކަމަށް ދެކެވޮޑިގަތެވެ. ދެން މާތްﷲ އަނދިރިކަމުގެ ތެރޭން އަލިކަން ވަކި ކުރެއްވިއެވެ. ‏5 މާތްﷲ އެއަލިކަމަށް ދުވާލުގެ ނަމުން ނަންދެއްވިއެވެ. އަނދިރިކަމަށް އެކަލާނގެ ރޭގަނޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ފުރަތަމަ ދުވަހެވެ.
‏6 ދެން މާތްﷲ ވަޙީ ކުރެއްވިއެވެ. ”ފެންތަކުގެ މެދުން ހުސްތަނެއް އުފެދޭ! ފެންތަކުގެ ތެރޭން ފެންތަކެއް ވަކިވޭ!“ ‏7 ދެން މާތްﷲ އެ ހުސްތަން އުފައްދަވައި އެ ހުސްތަނުގެ ތިރީގައި ހުރި ފެނާއި މަތީގައި ހުރި ފެން ވަކިކުރެއްވިއެވެ. އެކަން އެ ގޮތަށް ހިނގައިފިއެވެ. ‏8 ދެން އެހުސްތަނަށް މާތްﷲ އުޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ދެވަނަ ދުވަހެވެ.
‏9 ދެން މާތްﷲ ވަޙީކުރެއްވިއެވެ. ”އުޑުގެ ދަށުގައި ހުރި ފެން އެއްތަނަކަށް އެއްވޭ! އޭގެ ތެރޭން ހިކިފަސްތަނެއް ފާޅުވޭ!“ ދެން އެކަން އެ ގޮތަށް ހިނގައިފިއެވެ. ‏10 ދެން އެ ހިކިފަސްތަނަށް ބިމޭ ވަޙީ ކުރައްވައި ނަންދެއްވިއެވެ. އަދި އެއްތަނަކަށް އެއްވި ފެންތަކަށް ކަނޑުގެ ނަމުން އެކަލާނގެ ނަންދެއްވިއެވެ. މިތަން ރަނގަޅުކަމަށް މާތްﷲ ދެކެވޮޑިގަތެވެ.
‏11 އެއަށް ފަހު މާތްﷲ ވަޙީކުރެއްވިއެވެ. ”ބިމުން ގަސްގަހާގެހި ފަޅާ! އޮށް ހުރި ގަސްތަކާއި މޭވާގައި އޮށް ހުންނަ ގަސްތަކާއި މިފަދަ ކޮންމެ ބާވަތެއް ބިންމަތީގައި ހެދޭ!“ ދެން މިކަންތައް އެ ގޮތަށް ހިނގައިފިއެވެ. ‏12 ބިމުން ގަސްގަހާގެހި ފަޅައި އޮށް ހުރި ގަސްތައް ފަޅައި މޭވާގައި އޭގެ އޮށް ހުރި ގަސްތައް ފަޅައި އެއިން ކޮންމެ ބާވަތެއް އެވައްތަރުގެ ގަހެއްގެ ގޮތުގައި ފަޅައިފިއެވެ. ދެން އެގަސްތައް ރަނގަޅުކަމަށް މާތް ﷲ ދެކެވޮޑިގަތެވެ. ‏13 ރޭވެފައި އަލިވެއްޖެއެވެ. އެއީ ތިންވަނަ ދުވަހެވެ.
‏14 ދެން މާތްﷲ ވަޙީކުރެއްވިއެވެ. ”ރެޔާއި ދުވާ ވަކިކުރުމަށް އުޑުގައިވާ ހުސްތަނުގައި އަލިތައް އުފެދޭ! އަދި އެއީ މޫސުންތަކާއި ދުވަސްތަކާއި އަހަރުތައް ވަކިކޮށްދޭ ފާހަގަތަކެއް ކަމުގައިވޭ! ‏15 އަދި އެއީ އުޑުގެ ހުސްތަނުގައިވާ އަލިތަކަކަށްވެ ބިންމައްޗަށް އެއިން އަލިކުރޭ!“ ދެން އެކަންތައް އެ ގޮތަށް ހިނގައިފިއެވެ.
‏16 މާތްﷲ ބޮޑު ދެ އަލިކަން އުފެއްދެވީ އޭގެ ތެރޭން ބޮޑު އަލިކަމުން ދުވާލުގެ މައްޗަށް އަމުރު ހިންގައި ކުޑައަލިކަމުން ރޭގަނޑުގެ މައްޗަށް އަމުރު ހިންގުމަށެވެ. ތަރިތައް ވެސް ވަނީ މިކަމަށް އުފައްދަވާފައެވެ. ‏17 މާތްﷲ އުޑުގައި މިއަލިތައް ބެހެއްޓެވީ ބިމަށް އަލި ކުރުމަށެވެ. ‏18 އަދި ދުވާލުގެ މައްޗަށާއި ރޭގަނޑުގެ މައްޗަށް ބާރު ހިންގުމަށެވެ. އަދި އަނދިރީގެ ތެރޭން އަލިކަން ވަކި ކުރުމަށް ވެސް މެއެވެ. މިތަކެތި ރަނގަޅުކަމަށް މާތްﷲ ދެކެވޮޑިގަތެވެ. ‏19 ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަތަރުވަނަ ދުވަހެވެ.
‏20 ދެން މާތްﷲ ވަޙީކުރެއްވިއެވެ. ”ފެންގަނޑުގައި އައިން އައިނަށް ދިރޭތަކެތި އުފެދޭ. އަދި ބިންމަތީ ޖައްވާއި އުދަރެހުގެ ހުސްކަމުގެ ތެރޭގައި ދޫނިސޫފާސޫފި އުދުހޭ!“ ‏21 މިގޮތުން މާތްﷲ ކަނޑުގައި ބިޔަ ތަކެއްޗަކާއި ކޮޅުކޮޅު މައްޗަށް ދުވާ ތަފާތު އެތައް ބާވަތެއްގެ ދިރޭ ތަކެއްޗެއް އުފެއްދެވިއެވެ. އަދި އެކިބާވަތުގެ ދޫނިސޫފާސޫފި ވެސް އުފެއްދެވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްﷲ ދެކެވޮޑިގަތެވެ. ‏22 އަދި މާތްﷲ އެތަކެއްޗަށް ބަރަކާތްލެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ”އުފެދި ގިނަގުނަވެ ކަނޑުތައް ފުރާލާ! އަދި ދޫނި ސޫފާސޫފިތައް ގިނަގުނަވެ ދުނިޔެ ފުރާލާ!“ ‏23 ރޭވެފައި އަލިވެއްޖެއެވެ. އެއީ ފަސްވަނަ ދުވަހެވެ.
‏24 އަދި މާތްﷲ ވަޙީކުރެއްވިއެވެ. ”ބިމުން އެކިބާވަތުގެ ދިރޭތަކެތި އުފެދޭ! އެކިކަހަލަ ޖަނަވާރުތަކާއި ސޫފާސޫފިތަކާއި ބިޔަތަކާއި އޭގެ ބާވަތަކުން އުފެދޭ!“ ދެން އެކަންތައް އެ ގޮތަށް ވެއްޖެއެވެ. ‏25 މިގޮތުން މާތްﷲ އެކި ބާވަތް ބާވަތުގެ ޖަނަވާރުތަކާއި އެކިބާވަތްބާވަތުގެ ދިރުންހުރި ތަކެތި ބިންމަތީގައި ލެއްވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްﷲ ދެކެވޮޑިގަތެވެ.
‏26 ދެން މާތްﷲ ވަޙީކުރެއްވިއެވެ. ”މިހާރު އަހަރެމެންގެ ސޫރައިގައި އަހަރެމެންނާ އެއް ސިފައިގައި އިންސާނާ އުފައްދާނަން! އަދި އެއިންސާނުންނަށް ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިސޫފާސޫފިތަކާއި ބިމުގައިވާ ޖަނަވާރުތަކާއި އަދި އެހެން ވެސް މި ދުނިޔޭގައިވާ ނަމަ ވާހައި އެއްޗެއްގެ ވެރިކަން ދޭނަން.“
‏27 ދެން މާތްﷲ އެކަލާނގެ އަމިއްލަ ސޫރަފުޅުގައި އިންސާނާ ހެއްދެވިއެވެ. މާތްﷲ އިންސާނާ ހެއްދެވީ އެކަލާނގެއާ އެއްވައްތަރަށެވެ. އިންސާނާ އުފައްދަވާފައި ވަނީ ފިރިހެނަކާ އަންހެނެއްގެ ގޮތުގައެވެ.
‏28 މާތްﷲ އެމީހުންނަށް ރަޙުމަތްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”މޭވާ އަޅައި ގިނަގުނަވެ ދުނިޔެ ފުރާލާ! އަދި ދުނިޔެ މައްޗަށް ގަދަވެގަނޭ! ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިތަކާއި އަދި އެހެން ވެސް ދުނިޔޭގައި ހަރަކާތްކުރާ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ!“
‏29 ދެން މާތްﷲ ވަޙީކުރެއްވިއެވެ. ”ބަލާލަބަލަ! އަހަރެން މިވަނީ އޮށްއަޅާ ހުރިހާ ބާވަތެއްގެ ގަހަކާއި އަދި މޭވާގައި އޮށް ހުންނަ ގަސްގަހާގެހި ދުނިޔޭގެ ބިމުން ފަޅުވާފައި. އެއީ ތިޔަބައިމީހުން އެތަކެތި ކައި ހެދުމަށްޓަކާ. ‏30 އަދި ދުނިޔޭގައި އުޅޭ ހުރިހާ ބިޔަ ޖަނަވާރުތަކަށާއި ވަޔާއި ޖައްވުގައި އުޅޭ ހުރިހާ ދޫނިތަކަށާއި ބިމުގައި އުޅޭހާ ސޫފާސޫތްޕަކަށާއި ނޭވާލައި ދިރޭ ހުރިހާ އެއްޗެއްގެ ކެއުމެއްގެ ގޮތުގައި ފެހިކުލައިގައިވާ ހުރިހާ ގަސްގަހާގެއްސެއް ދީފިން.“ ދެން އެކަންތައް އެ ގޮތަށް ހިނގައިފިއެވެ.
‏31 ދެން މާތްﷲ އެކަލާނގެ ހެއްދެވި ހުރިހާ ތަކެއްޗަކަށް ބައްލަވައި ވޮޑިގަތެވެ.
ނިކަން ދެކެބަލާށެވެ! އެތަކެތި ވަރަށް ވެސް ފުރިހަމައެވެ! ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަވަނަ ދުވަހެވެ.