40
ޖަލުގައިވީ ދެ ޤައިދީއެއްގެ ދެހުވަފެން ޔޫސުފުގެފާނު ތަޢުބީރު ކޮށްދެއްވުން
ޔޫސުފުގެފާނު ޖަލުގައި ހައްޔަރު ކުރައްވާފައި ހުންނެވި ހިނދު މިޞްރުގެ ރަސްގެފާނު ފިރުޢައުނުގެ ޝާހީ ގަނޑުވަރުގެ ދެ ޚާދިމުންނަށް ރަސްގެފާނު ހިތްޕުޅާނުވާފަދަ ގޮތަކަށް ކަންތައް ކުރެވުނެވެ. އޭގެތެރެއިން އެކަކީ ބުއިންތައް އަރުވާ މީހާއެވެ. ދެވަނަ މީހާއަކީ ފަރީއްކޮޅު ތައްޔާރުކުރާ މީހާއެވެ. ފިރުޢައުނު މި ދެ ޚާދިމުން ދެކެ ނުހަނު ރުޅިއައިސް މި ދެ ޚާދިމުން ޖަލުގައި ހައްޔަރު ކުރެއްވިއެވެ. އަދި މި ދެ ޚާދިމުން ހައްޔަރު ކުރެވުނު ޖަލަކީ ރަސްގެފާނުގެ ގަނޑުވަރުގެ ފާރަވެރިންގެ އިސްވެރިޔާގެ ގޭގައި ހުންނަ ޖަލެވެ. އަދި ޔޫސުފުގެފާނުވެސް ހައްޔަރު ކުރެވިފައިވަނީ މިޖަލުގައެވެ. ގަނޑުވަރުގެ ޖަލުގެ އިސް ފާރަވެރިޔާ ފޫޠީފާރު މި ދެ ޚާދިމުން ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ. އަދި އެ ދެ ޚާދިމުން ޖަލުގައި ދުވަސްތަކެއް ހޭދަކުރަމުން ދިޔައެވެ.
އެއްރެއަކު ރަސްގެފާނަށް ބުއިންތައް އަރުވާ ޚާދިމަށާއި އަދި ފަރީއްކޮޅު ތައްޔާރުކުރާ ޚާދިމަށް ދެ ހުވަފެނެއް ފެނުނެވެ. ނަމަވެސް މި ދެ ހުވަފެނުގައި ވަނީ ތަފާތު ދެ މާނަ އެކެވެ. އަނެއްދުވަހުގެ ހެނދުނު ޔޫސުފުގެފާނު މި ދެ ޚާދިމުންގެ ގާތަށް ވަޑައިގެންނެވި އިރު މި ދެ ޚާދިމުން ކަންބޮޑުވެފައި ވަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގެންވިއެވެ. އެހިނދު ޔޫސުފުގެފާނު މިފަދައިން ސުވާލު ކުރެއްވިއެވެ. ”މިއަދު ތިޔަބައިމީހުން ކަންބޮޑުވެފައި ތިޔަތިބީ ކީއްވެ؟“ ދެ ޚާދިމުން ޖަވާބުގައި އެކަލޭގެފާނަށް ދެންނެވިއެވެ. ”އަހަރެމެން ދެމީހުންނަށް ރޭގައި ދެ ހުވަފެނެއް ފެނުނު. ނަމަވެސް އެ ދެ ހުވަފެނުގެ މާނަ އަހަރެމެން ދެމީހުންނަށް އޮޅުންފިލުވައި ދެވޭވަރުގެ މީހަކު މިތަނަކު ނެތް.“ އެ ދެ ޚާދިމުންނަށް ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ހުވަފެން ތަޢުބީރު ކޮށްދެއްވޭނޭ ހަމައެކަނި ފަރާތަކީ މާތްﷲ. ތިޔަބައިމީހުންނަށް ފެނުނު ހުވަފެން އަހަރެންނަށް ކިޔައިދީބަލަ.“
އެހެންވެ، ރަސްގެފާނަށް ބުއިންތައް އަރުވައިދޭ މީހާ އޭނާގެ ހުވަފެން ޔޫސުފުގެފާނަށް މިފަދައިން ކިޔައިދެމުން ގެންދިޔައެވެ. ”އަހަރެންގެ ހުވަފެނުގައި އަހަރެންނަށް ފެނުނީ މޭބިސްކަދުރު ވެލެއް އަހަރެންގެ ކުރިމަތީގައި ވަނިކޮށް. 10 އަދި އެވެލުގައި ތިން އޮފިގަނޑު ހުރި. އިސާހިތަކު އެ އޮފިގަނޑުން ފަތް ނުކުމެ މައު ނުކުމެއްޖެ. އެއަށް ފަހު މޭބިސްކަދުރު ދޮންވެ ތާޒާވެފައި ވަނިކޮށް ދުށީމު. 11 އެހިނދު އަހަރެންގެ އަތުގައި ރަސްގެފާނަށް ބުއިންއަރުވާ ތަށިކޮޅު އޮތް. އެހެންވެ، އަހަރެން މޭބިސްކަދުރު ބިނުމަށްފަހު މޭބިސްކަދުރުގެ ދިޔަ އެ ތަށިކޮޅަށް އެޅީމު. އެއަށް ފަހު އަހަރެން އެތަށިކޮޅު ފިރުޢައުނު ރަސްގެފާނަށް އެރުވީމު.“
12 ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ތިޔަ ހުވަފެން ތިބާއަށް އަހަރެން ތަޢުބީރު ކޮށްދޭނަން. ތިން އޮފިގަނޑު މާނަކޮށްދެނީ ތިންދުވަސްކަމުގައި. 13 ތިންދުވަސް ނިމުމުގެ ކުރިން ރަސްގެފާނު ތިބާ މިނިވަން ކޮށްދެއްވާނެ. އަދި ތިބާގެ ނޯކިރީ ދެވަނަ ފަހަރަށް އަނބުރާ ލިބޭނެ. އަދި އިހުނެކޭ އެއްފަދައިން ރަސްގެފާނަށް ބުއިންތައް އެރުވުމުގެ ޚިދުމަތުގައި ތިބާ ހުންނާނެ. 14 ތިބާ މިނިވަންވުމުން، އަހަރެންގެ މަތިން ހަނދާންކުރުމަށް އެދެން. އަހަރެންގެ މައްޗަށް އޯގާތެރިވެ އަހަރެންގެ ޚަބަރު ރަސްގެފާނަށް ނަންގަނެ ދޭތި. އަދި އަހަރެން މި ތަނުން ސަލާމަތްކޮށްދެއްވުމަށް ދަންނަވާތި. 15 އަހަރެންނަކީ އަހަރެންގެ އުފަންވި ރަށް ކަމުގައިވާ ޢިބްރާނީއިން ރަހީނުކުރެވިގެން މިޞްރަށް ގެނެވުނު މީހެއް. އަހަރެން ޖަލުގައި ހައްޔަރު ކުރެވިފައި މިވަނީ އެއްވެސް ކުށެއް ކޮށްގެންނެއް ނޫން.“
16 އެއަށް ފަހު ރަސްގެފާނަށް ފަރީއްކޮޅު ތައްޔާރުކުރާ ޚާދިމު ޔޫސުފުގެފާނު ހުވަފެން ތަޢުބީރު ކޮށްދެއްވި ގޮތާއިމެދު ނުހަނު ހިތްހަމަޖެހި އޭނާގެ ހުވަފެން އެކަލޭގެފާނަށް މިފަދައިން ކިޔައިދެމުން ގެންދިޔައެވެ. ”އަހަރެންގެ ހުވަފެނުގައި ދުށީ ފޮނިކާތަކެތި އަޅާފައިވީ ތިންވަށިގަނޑު އަހަރެންގެ ބޯމަތީގައި ވަނިކޮށް. 17 އެވަށިގަނޑު ތަކުގެ ތެރެއިން އެންމެމަތީގައި ބެހެއްޓިފައިވީ ވަށިގަނޑުގައި ހުރީ ރަސްގެފާނުގެ ފަރީއްކޮޅަށް ފިހެފައިވީ ކާތަކެތި. ނަމަވެސް އަހަރެންގެ ބޯމަތިގައިވީ ވަށިގަނޑުގައި ހުރި ކާތަކެތި ދޫނިތައް އައިސް ކާންފެށި.“
18 ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ތިޔަ ހުވަފެނުގެ ތަޢުބީރު ދައްކައިދެނީ މިފަދައިން. ތިބާއަށް ފެނުނު ތިން ވަށިގަނޑަކީ ތިން ދުވަސް. 19 ތިން ދުވަސް ނިމުމުގެ ކުރިން ރަސްގެފާނު ތިބާގެ ބޯ ކަނދުރާއިން ވަކިކުރައްވާނެ! އަދި ތިބާގެ ހަށިގަނޑު މުޑިއަކަށް ނަންގަވާނެ. އެއަށް ފަހު ދޫނިތައް އައިސް ތިބާގެ މަސްތައްކާނެ.“
20 ފިރުޢައުނުގެ އުފަންދުވަސް އައީ އޭގެ ތިން ދުވަސްފަހުންނެވެ. އެހެންވީމާ ފިރުޢައުނު، އޭނާގެ އެންމެހާ ޝާހީ ޚާދިމުންނަށް ޖާފަތެއް ދެއްވިއެވެ. އަދި ފިރުޢައުނު ރަސްގެފާނަށް ބުއިންތައް އަރުވާ މީހާ އާއި ފަރީއްކޮޅު ތައްޔާރުކުރާ މީހާ ޖަލުން ނެރެގެން ޝާހީ ދަރުބާރަށް ހާޒިރު ކުރުވިއެވެ. 21 އަދި ރަސްގެފާނަށް ބުއިން އަރުވާ ޚާދިމަށް މަޢާފު ދެއްވައި އިހުނެކޭ އެއްފަދައިން އޭނާއަށް ހަމަ އެ ނޯކިރީ ދެއްވިއެވެ. 22 ނަމަވެސް ފަރިއްކޮޅު އަރުވާ ޚާދިމު މެރުމަށް ނިންމެވިއެވެ. އަދި އެހުރިހާ ކަމެއް ހިނގައި ދިޔައީ ޔޫސުފުގެފާނު ވިދާޅުވި ފަދައިންނެވެ. 23 ނަމަވެސް ރަސްގެފާނަށް ބުއިންތައް އަރުވާ ޚާއްސަ ޚާދިމު ޔޫސުފުގެފާނުގެ މަތިން ހަނދާނެއް ނުވިއެވެ.