39
ޔޫސުފުގެފާނާއި ފޫޠީފާރުގެ އަނބި
އިސްމާޢީލީންގެ ވިޔަފާރި ގާފިލާއިން ޔޫސުފުގެފާނު ބައްލަވައިގަތުމަށް ފަހު އެ ގާފިލާ އާއި އެކުގައި މިޞްރަށް އެކަލޭގެފާނު ގެންދެވިއެވެ. އަދި އިސްމާޢީލީންގެ މި ވިޔަފާރި ގާފިލާއިން މިޞްރުގެ ރަސްގެފާނު ސަލާމަތީކަންތަކާ ބެހޭ ވަޒީރު ފޫޠީފާރުއަށް މިޞްރުގައި އެކަލޭގެފާނު ވިއްކާލެއްވިއެވެ. މާތްރަސްކަލާނގެ ޔޫސުފުގެފާނާއި އެކުގައި ވޮޑިގެންވެ އެކަލޭގެފާނަށް ބަރަކާތް ލެއްވިއެވެ. އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ ސާހިބުމީހާގެ ގޭގައި ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ. ޔޫސުފުގެފާނާއި އެކުގައި މާތްރަސްކަލާނގެ ވޮޑިގެންވެ، އެކަލޭގެފާނު ކުރައްވާ ކޮންމެ ކަމެއްގައިމެ މާތްރަސްކަލާނގެ ކާމިޔާބު ދެއްވާކަން ފޫޠީފާރުއަށް ފާހަގަ ކުރެވުނެވެ. އެހެންވީމާ، ޔޫސުފުގެފާނާއިމެދު ފޫޠީފާރުގެ މަގުބޫލުކަން ބޮޑުވެ އޭނާގެ އެންމެގާތް ޚާދިމުގެ ގޮތުގައި އެކަލޭގެފާނު ހަމަޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް އިތުބާރު ކުރައްވައި އޭނާގެ އެންމެހާ މިލްކިއްޔާތު ތައް ހިންގައި ބެލެހެއްޓުމަށް ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ. އެހުރިހާ ކަންތައްތަކެއް ޔޫސުފުގެފާނުގެ އަތްޕުޅުމައްޗަށް ފޫޠީފާރު ދޫކޮށްލި ހިނދުން ފެށިގެން އެކަލޭގެފާނުގެ ޙައްޤުގައި ފޫޠީފާރުގެ ޢާއިލާ އަށާއި އޭނާގެ މުދަލާއި އަދި ދަނޑުފަނގުގައިވީ އެންމެހާ ތަކެއްޗަކެއްގެ އިތުރުން އޭނާގެ މިލްކުގައިވީ އެންމެހާ ތަކެއްޗަކަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވިއެވެ. ވީމާ، ފޫޠީފާރުގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތީގެ މައްޗަށް މަސްއޫލުވެ ހިންގައި ބެލެހެއްޓުމުގެ ފުރިހަމަ ބާރު ޔޫސުފުގެފާނަށް އޭނާ ދިނެވެ. އަދި ޔޫސުފުގެފާނު އޭނާ އާއި އެކުގައި ހުންނެވުމުން އޭނާ ކާނެ ކެއުމަކާމެދު ފިޔަވައި އެހެން އެއްވެސް ކަމަކާމެދު އޭނާ ފިކުރު ކުރާކަށް ނުޖެހެއެވެ.
ޔޫސުފުގެފާނު ޖަލުގައި ހައްޔަރު ކުރެއްވުން
މިހާރު ޔޫސުފުގެފާނަކީ ހެދިހުރި ހަށިގަނޑެއް ލިބިފައިވާ ނުހަނު ރިވެތި ފިރިހެންވަންތަ ބޭކަލެކެވެ. މީގެ ދުވަސްތަކެއް ފަހުން ފޫޠީފާރުގެ އަންހެނުން ޔޫސުފުގެފާނުގެ މައްޗަށް އެދުންވެރިވާން ފެށިއެވެ. އަދި އެއްދުވަހަކު އެކަނބުލޭގެ ޔޫސުފުގެފާނަށް އެދުންވެރިވެ އެކަނބުލޭގެ އާއިއެކުގައި ޖިންސީ ގުޅުން ހިންގުމަށް އެދި ދަޢުވަތު ދެއްވިއެވެ. ނަމަވެސް ޔޫސުފުގެފާނު އެ ދައުވަތަށް ކަނޑައެޅިގެން އިންކާރު ކުރައްވާ އެކަނބުލޭގެއަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެންގެ ސާހިބު އޭނާގެ ގޭގައިވާ އެންމެހާ ތަކެއްޗާއި އޭނާގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތި އަހަރެންނާއި ޙަވާލުކޮށް އަދި އެތަކެއްޗަށް އަހަރެން ވެރިކުރުވީ އޭނާ އަހަރެންނަށް ކުރާ އިތުބާރުން. އަހަރެންނަށް ވުރެން ވަކިން އިސްފަރާތެއް މި ގަނޑުވަރުގައި އަހަރެންގެ ސާހިބާއަށް ނުވޭމެ. އޭނާ ހަމައެކަނި އަހަރެންނަށް ދީފައިނުވަނީ ކަނބުލޭގެ. ސަބަބަކީ ކަނބުލޭގެއަކީ އޭނާގެ އަނބިމީހާ. ވީއިރު، ތިޔަފަދަ ވަޙްޝީ ނުބައި ކަމެއް ކުރެވޭނީ ކިހިނަކުން؟ ތިޔަފަދަ އަމަލުތަކަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދި ކުރެވޭ ފާފައެއްވެސްމެ.“ 10 ނަމަވެސް ފޫޠީފާރުގެ އަނބިމީހާ ކުރުނުކޮށް ދުވަހުން ދުވަހަށް އެކަނބުލޭގެ އާއި އެކު އުޅުމަށް އެދި ޔޫސުފުގެފާނަށް ވަސްވާސް ދެމުން ގެންދިޔައެވެ. އެކަމަކު އެކަނބުލޭގެ އާއިއެކުގައި ޖިންސީގުޅުން ހިންގުމަށް އެކަލޭގެފާނު އިންކާރު ކުރެއްވިއެވެ. އަދި އޭނާއާ އެކު ވަގުތު ހޭދަކުރާކަށް ވެސް އެއްބަސްފުޅެއް ނުވިއެވެ.
11 އެއްދުވަހަކު ޔޫސުފުގެފާނު އެކަލޭގެފާނާއި ޙަވާލުކުރައްވާފައިވާ މަސައްކަތް ކުރެއްވުމަށް ޓަކައި އާދައިގެމަތިން ފޫޠީފާރުގެ ގަނޑުވަރަށް ވަޑައިގެންނެވިއެވެ. އެހިނދު ގަނޑުވަރުގައި މަސައްކަތް ކުރާ އިތުރު އެއްވެސް ޚާދިމަކު ގަނޑުވަރުގައި ނުވެއެވެ. 12 ކުއްލިއަކަށް އެކަލޭގެފާނުގެ ސާހިބާގެ އަނބިމީހާ އައިސް އެކަލޭގެފާނުގެ ރިދާކޮޅުގައި ހިފެހެއްޓުމަށް ފަހު މިފަދައިން އެދުނުމެއެވެ. ”އަހަރެންނާއިއެކު އެއްދާން ކުރުމަށް އާދެބަލަ!“ ނަމަވެސް ޔޫސުފުގެފާނު އެކަލޭގެފާނުގެ ރިދާކޮޅު ދޫކޮށްލެއްވުމަށް ފަހު އެކަނބުލޭގެ ކިބައިން ސަލާމަތްވެ، ދުވެ ވަޑައިގެން ބޭރަށް ނުކުންނެވިއެވެ. 13 އެކަނބުލޭގެ އަތްދަށުން އެކަލޭގެފާނަށް ސަލާމަތްވެގެން ވަޑައިގެންނެވުނު ކަމުގައިވިއަސް އެކަލޭގެފާނުގެ ރިދާކޮޅު އެކަނބުލޭގެ އަތުގައި އޮތްތަން ފެނި 14 އަޑުން އަޑުނަގާ ރޯން ފެށިއެވެ. އިސާހިތަކު ގަނޑުވަރުގައިވީ ޚާދިމުންތައް އެކަނބުލޭގެ ކައިރިއަށް އައެވެ. އެހިނދު އެކަނބުލޭގެ ގިސްލަމުން މިފަދައިން ބުނިމެއެވެ. ”ނިކަން ބަލާލަބަލަ! އަހަރެންގެ ފިރިކަލޭގެ މި ގެނައި ޢިބްރާނީ އަޅުކުއްޖާ މިތަނުގައި މިއުޅެނީ އަހަރެމެން ބަދުނާމު ކުރަން! އެކަލޭގެ އަހަރެންގެ ކޮޓަރިއަށް އައިސް ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން އުޅެފި. ނަމަވެސް އަހަރެން ހަރުއަޑުން ރޯންފެށީމު. 15 އަހަރެންގެ ރުއިމުގެ އަޑު ގަދަވާން ފެށުމުން އެކަލޭގެ ލައިގެންހުރި ރިދާ އަހަރެންގެ އަތަށް ދޫކޮށްލާފައި ދުވެ ރައްކާވެއްޖެ.“
16 ފޫޠީފާރު ގަނޑުވަރަށް އަންނަން ދެން އޭނާގެ އަނބިކަނބުލޭގެ ޔޫސުފުގެފާނުގެ ރިދާކޮޅު އެކަނބުލޭގެ ކައިރީގައި ބާއްވައިގެން އިނެވެ. 17 އަދި ފޫޠީފާރު އެރޭ ގަނޑުވަރަށް އައުމުން އިހުނެކޭ އެއްފަދައިން އެވާހަކަ އޭނާގެ ފިރިމީހާއަށް މިފަދައިން ކިޔައިދިނެވެ. ”ތިބާގެ ޢިބްރާނީ އަޅު ކުއްޖާ ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން މިއަދު އުޅެފި! 18 ނަމަވެސް އަހަރެން ސަލާމަތަށް އެދި އަޑުންއަޑުނަގާ ރޯން ފެށުމުން އެކަލޭގެ ލައިގެހުރި ރިދާ އަހަރެންގެ އަތަށް ދޫކޮށްލާފައި ދުވެ ގަނޑުވަރުން ބޭރަށް ގޮސް ފިލައިފި.“
19 ފޫޠީފާރަށް އޭނާގެ އަނބިމީހާގެ މިވާހަކަތައް އަޑުއިވުމުން ވަރަށް ރުޅިއައެވެ. 20 އެގޮތުން ފޫޠީފާރު ޔޫސުފުގެފާނު ހައްޔަރުކޮށް ރަސްގެފާނުގެ ކުށްވެރިން ގައިދުކޮށްފައި ބައިތިއްބާ ޖަލަށް ޔޫސުފުގެފާނު ލައި ބަންދުކުރިއެވެ.
ޔޫސުފުގެފާނު ޖަލުގައި ހުންނެވި ހިނދު 21 މާތްރަސްކަލާނގެ ޔޫސުފުގެފާނަށް އެހީތެރިވެ ވޮޑިގެންނެވިއެވެ. ވީމާ، ޖަލު ބެލެހެއްޓުމުގެ އިސްވެރިއަކަށް ހުރި މީހާގެ ހިތުގައި ޔޫސުފުގެފާނާއިމެދު ނުހަނު ހިތްހަމަޖެހުން އުފެދުނެވެ. 22 ގިނަ މުއްދަތެއް ނުވަނީސް ޖަލު ބެލެހެއްޓުމުގެ އިސްވެރިޔާ ޖަލުގައިވާ ގައިދީންގެ ކަންތައްތައް ބެލެހެއްޓުން ޔޫސުފުގެފާނާއި ހަވާލު ކޮށްފިއެވެ. 23 އޭގެފަހުގައި ޖަލު ބެލެހެއްޓުމުގެ އިސްވެރިޔާ އެއިން އެއްވެސް ކަމަކާއި ކަންބޮޑުވެ ހާސްވާކަށް ނުޖެހެއެވެ. ސަބަބަކީ ޔޫސުފުގެފާނު އެންމެހާ ކަންތައްތަކަށް ސަމާލުކަން ދެއްވައި ފަރުވާތެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ ކަމެވެ. އެހެނީ މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވޮޑިގެންވެ، އެންމެހާ ކަންތައްތައް އޮމާންކަމާއެކު ކުރެވޭނޭ ގޮތުގެ މަތިން އެކަލާނގެ ޔޫސުފުގެފާނަށް ކާމިޔާބުކަން ދެއްވުމުގައި ވޮޑިގެންވިއެވެ.