4
މިސާލަކަށް ބައްޕައަކު އޭނާ ނިޔާވުމަށް ފަހު ގިނަ އަދަދެއްގެ ތަރިކަމުދަލެއް ދަރިއެއްގެ މައްޗަށް ދޫކޮށްފައި ދިޔަނަމަވެސް އެކުއްޖަކު ބޮޑުވެ ތަސައްރަފު ފުދެންދެން އެކުއްޖާއާއި، އަޅަކާއިމެދު، މާކަ ބޮޑު ތަފާތެއް ނުވެއެވެ. ކުއްޖާ ބޮޑުވެ ތަސައްރަފު ފުދެންދެން އެކުއްޖާގެ ކަންތައް ބަލަހައްޓަން ބައްޕަ ހަވާލުކޮށްފައިވާ ބަޔަކު ތިބެއެވެ. އީސާގެފާނު ވަޑައިގަންނަވަންދެން އަހަރެމެންގެ ކަންތައް ހުރީ ވެސް ހަމަ އެފަދައިންނެވެ. އަހަރެމެންވެސް ތިބީ ދުނިޔޭގެ މައްޗަށް އަމުރު ހިންގަމުން ދިޔަ ނުބައި ރޫޙުތަކުގެ ބާރުގެ ދަށުގައިވާ އަޅުންތަކެއްގެ ގޮތުގައެވެ.
އެކަމަކު ވަގުތު ޖެހުމުން މާތްކަލާނގެ އެކަލާނގެ ޚާއްސަ ދަރިކަލުން ފޮނުއްވިއެވެ. އެކަލޭގެފާނު އިންސާނީ މަންމައްގެ ބަނޑުފުޅުން ވަޑައިގެން އުޅުއްވަމުން ގެންދެވީ ބަނީ އިސްރާއީލުންގެ އަމުރުތަކާއި ގަވާއިދުތަކުގެ ދަށުގައެވެ. މާތްރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީ، އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ދަށުގައި އަހަރެމެން އަޅުވެތިވެފައި ވަނިކޮށް، އަގުދައްކަވައި އަހަރެމެން މިނިވަން ކުރެއްވުމަށެވެ. އެއީ އެގޮތުން އަހަރެމެން އެކަލާނގެ ދަރިންކަމުގައި ހެއްދެވުމަށެވެ. ކަލޭމެންނަކީ އެކަލާނގެ ދަރިންކަން ހާމަކުރުމުގެ ގޮތުން އެކަލާނގެ ދަރިކަލުންގެ ރޫޙުފުޅު ކަލޭމެންގެ ހިތުތެރޭގައި ލެއްވިއެވެ. އަދި އެކަލޭގެފާނުގެ ރޫޙުފުޅު މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.ކަލޭމެންނަށް އަންގައިދީ ދައްކައިދެނީ އެކަލާނގެއީ ކަލޭމެންގެ ބައްޕާފުޅު ކަމެވެ. ވީމާ މިހާރު ކަލޭމެން ތިޔައީ އަޅުންނެއް ނޫނެވެ. ކަލޭމެން ތިޔައީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ކަލޭމެން ތިޔައީ މާތްރަސްކަލާނގެ ދަރިންކަމުގައިވާ ހިނދު އެކަލާނގެ ދެއްވުމަށް ވަޢުދުފުޅު ކުރައްވާފައިވާ ރަޙުމަތްފުޅު ކަލޭމެންނަށް ލިބޭނެއެވެ.
ޕައުލް ގަލާތިޔާގެ މީހުންނާއިމެދު ނުރުހުންވި
ކުރިން ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން ނޭނގޭއިރު ކަލޭމެން ތިބީ އެތައްބައިވަރު ދޮގުކަލުން ތަކެއްގެ ދަށުގައި އަޅުވެތިވެފައެވެ. ނަމަވެސް މިހާރު ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން އެނގިއްޖެއެވެ. ނުވަތަ އެހެންގޮތަކަށް ބުނާނަމަ މާތްރަސްކަލާނގެ ކަލޭމެން ދެނެވޮޑިގެންފިއެވެ. ވީއިރު އަނެއްކާ ކަލޭމެން ކުރީގެ ގޮތްތަކަށް އެނބުރި ގޮސް، ދުނިޔޭގައި ވެރިކަން ހިންގަމުންދާ ބާރެއް ނެތް ބޭކާރު ރޫޙުތަކެއްގެ ދަށުވުމަށް ދާން ތިޔަ އުޅެނީ ކީއްވެހެއްޔެވެ؟ އަނެއްކާވެސް ކަލޭމެން ބޭނުމީ އެތަކެތީގެ އަޅުންނަށް ވުމަށްހެއްޔެވެ؟ 10 ޚާއްސަ ދުވަސްތަކާއި، މަސްމަހާއި، މޫސުންތަކާއި އަދި އަހަރުތައް ފާހަގަ ކުރަން ކުރާ އަޅުކަންތަކުން މާތްރަސްކަލާނގެ ރުއްސެވުން ހޯދަން ކަލޭމެން މިހާރުވެސް އުޅެއެވެ. 11 ކަލޭމެން ކުރަމުން ތިޔަދާ އަމަލުތަކާހެދި އަހަރެން ކަލޭމެންނާއި މެދު ވަރަށް ދެރަވެ ހިތާމަކުރަމެވެ. ކަލޭމެންނަށްޓަކައި އަހަރެން ކުރި ހުރިހާ މަސައްކަތް މިދިޔައީ ފަނުފުލުން ބާއެވެ.
12 އަހަރެން ކަލޭމެންގެ މެދުގައި ދިރިއުޅުނީ ބަނީއިސްރާއީލު މީހަކު ފަދައަކުންނެއް ނޫނެވެ. ވީމާ ކަލޭމެންވެސް އަހަރެން މި ހުރި ފަދައިން ތިބޭށެވެ. ކަލޭމެން އަހަރެންނަށް ދުވަހަކު ވެސް ދެރަކޮށް ހިތާފައެއް ނެތެވެ. 13 ހަނދާންވޭހެވެ. ފުރަތަމަ އަހަރެން ކަލޭމެންގެ ގާތަށް އީސާގެފާނު ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރު ގެނެވުނީ އަހަރެން ވަރަށް ބަލިވެ އުޅުނީތީއެވެ. 14 އަހަރެންގެ އޭރު ބަލިވެ އުޅުމުގެ ސަބަބުން ކަލޭމެންނަށް އެތައް އުނދަގުލެއް ކުރިމަތިވީ ނަމަވެސް ކަލޭމެން އަހަރެންނަށް ދެރަކޮށްނެއް ނުހިތައެވެ. އަދި އަހަރެން ކަލޭމެންގެ ގާތުން ފޮނުވައެއް ވެސް ނުލައެވެ. އޭގެ ބަދަލުގަ ކަލޭމެން އަހަރެންނަށް ހެޔޮކޮން ހިތައި، ސުވަރުގެއިން ވަޑައިގަތް މަލާއިކަތެއް ފަދައިން ކަންތައް ކުރިއެވެ. އަދި ކޮބައިހެއްޔެވެ؟ ޚުދު އީސާގެފާނަށް ހިތާނެ ފަދައިން ކަލޭމެން އަހަންނަށް ކަމޭހިތި އެވެ. 15 އޭރު ކަލޭމެންގެ ތެރޭގައި އުފާވެރިކަން އޮތެވެ. އެއުފާވެރިކަން މިހާރު ކޮބައި ހެއްޔެވެ؟ އަހަރެންނަށް ޔަޤީނެވެ. އޭރު ކަލޭމެންގެ އަމިއްލަ ލޯ ވެސް ނަގާފައި އަހަރެންނަށް ދޭކަށް ކަލޭމެން ފަހަކަށް ނުޖެހުނީހެވެ. 16 އަހަރެން ކަލޭމެންގާތު ތެދު ބުނާތީ މިހާރު ކަލޭމެން ދެކެނީ އަހަރެން މީ ކަލޭމެންގެ ދުޝްމިނެއް ކަމުގައެވެ.
17 އެދޮގުވެރިން ކަލޭމެންގެ ރުހުން ހޯދަން އެހާބޮޑު ޝައުޤުވެރިކަމެއް އެވަނީ އެމީހުންގެ އަމިއްލަ އެދުމެއް އޮތީމައެވެ. އެމީހުން އެއްގޮތަކަށް ވެސް ކަލޭމެންނަކަށް ރަނގަޅެއް ވާކަށެއް ނޭދެއެވެ. އެމީހުންގެ މަގުސަދަކީ ކަލޭމެން އަހަރެންނާއި ދުރުކުރުމެވެ. އެއީ ކަލޭމެން ލައްވާ އެމީހުން ނޫން ބަޔަކު ބުނާ ބަހެއް ގަބޫލު ކުރުވިޔަ ނުދިނުމަށެވެ. 18 ހެޔޮކަމެއް ކުރުމުގެ ޝައުގުވެރިކަން އޮތުން އެއީ ކިތަންމެހާވެސް ރަނގަޅުކަމެކެވެ. ހުރިހާއިރަކުވެސް އެގޮތަށް ކަންތައް ކުރުން އެއީ ރަނގަޅުކަމެއް ވީމައެވެ. އެއީ އަހަރެން ކަލޭމެންގެ ގާތު ހުއްޓަސް ނެތަސް ވެހެވެ. 19 މަގޭ ދަރިންނޭވެ! އީސާ އަލްމަސީޙު ގެ ކިބައިގައިވާ ސިފަތައް ކަލޭމެންގެ ކިބައިގައި އަށަގަތުމަށް ދާންދެން އަންހެނަކު ވިހެއުމަށް އަޅާފަދަ ބޮޑުވޭނެއް އަހަރެންގެ ހިތުގައި ކަލޭމެންނަށްޓަކައި އެބައަޅައެވެ. 20 އަޅެ އަހަރެންނަށް ކަލޭމެންގެ ގާތުގައި މިވަގުތު ހުރެވޭނެ ނަމައެވެ. އޭރުން އަހަރެން ކަލޭމެންނާއި މެދު މިފަދަ ހަރުކަށިގޮތަކަށް ވާހަކަ ނުދައްކައި ކަންތައް ކުރެވުނީހެވެ. ނަމަވެސް މިހާ ދުރުގައި އަހަރެން ހުންނަ އިރު ހެދޭނެ އެހެން ގޮތެއް ނެތީމައެވެ.
ހާޖަރާއި ސާރާގެ މިސާލު
21 ކަލޭމެންގެ ތެރެއިން ބަޔަކު އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި ވުމަށް އަދިވެސް އެދެއެވެ. ބުނެބަލާށެވެ. އެއަމުރުފުޅު ތަކުގައިވަނީ ކީކޭކަން ކަލޭމެންނަށް އެނގޭހެއްޔެވެ؟ 22 ލިޔެވިގެންވެއެވެ. އިބްރާހީމްގެފާނަށް ދެ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އޭގެން އެއްދަރިކަލެއްގެ މަންމައަކީ އެކަލޭގެފާނުގެ އަޅެކެވެ. އަދި އަނެއް ދަރިކަލުންގެ މަންމައަކީ މިނިވަނެކެވެ.* ފެށުން ފޮތުގެ 16، 17، 18، 21، ވަނަ ބާބު. 23 އަޅު އަންހެން މީހާއަށް ލިބުނު ދަރިކަލުންނަކީ އިންސާނީ އަމިއްލަ ނިންމެވުމެއްގެ މަތީން އުފަންވި ދަރިކަލެކެވެ. ނަމަވެސް އަނެއް ދަރިކަލުންނަކީ އެކަލޭގެފާނަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅެއްގެ ސަބަބުން އުފަންވި ދަރިކަލެކެވެ.
24 މިދެ އަންހެނުންނަކީ މާތްރަސްކަލާނގެ ކުރެއްވި ދެ އިޤުރާރުފުޅު ފަދަ މިސާލެކެވެ. އަޅު އަނބި ހާޖަރުގެ މިސާލަކީ އަރަބިކަރައިގެ ޠޫރުސީނާ ފަރުބަދައެވެ. އެއީ ބަނީއިސްރާއީލު މީހުން އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި އަޅުވެތިވީ އެފަރުބަދައިގައެވެ. 25 އަދި ޖެރޫސަލަމް މިހާރުވަނީ ޠޫރުސީނާ ފަދައިންނެވެ. އެއީ އެރަށާއި އެރަށުގެ ހުރިހާ ދަރިން އެވަނީ އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި އަޅުވެތިވެފައެވެ. 26 ނަމަވެސް މިނިވަނެއްގެ ގޮތުގައިވި އަނބި ސާރާގެ މިސާލަކީ ސުވަރުގޭގައި ވާފަދަ ޖެރޫސަލަމެވެ. އަދި އެއީ އަހަރެމެން އީސާގެފާނަށް އީމާންވެތިބި އެންމެންގެ މަންމައެވެ. 27 ރަސޫލު ޔަޝަޔާޙުގެފާނު މާތްރަސްކަލާނގެ ވަޙީބަސްފުޅު މިފަދައިން ލިޔުއްވިއެވެ.
”ދުވަހަކު ދަރިއަކު ލިބިފައިނުވާ މީހާ މިހާރު އުފާކުރާށޭ،
ދުވަހަކު ނުވިހާ މީހާ މިހާރު އުފަލުން ހަޅޭއްލަވާށޭ،
ދުވަހަކުވެސް ދަރިއަކު ލިބިފައި ނުވާ، އެކަނިވެރި އަންހެނާއަށް،
އެތައް ދުވަހަކު، މީހަކާއި އިނދެގެން އުޅުނު އަންހެނަކަށް ވުރެ
ގިނަ ދަރިން ލިބޭނެއޭ.“
28 މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އިސްޙާޤުގެފާނު ފަދައިން ކަލޭމެންވެސް ތިޔައީ ހަމަ އެކަލާނގެ ކުރެއްވި ވަޢުދުފުޅުގެ ސަބަބުން އުފަންވި ދަރިންނެވެ. 29 އަޅު އަންހެނަކަށް އިންސާނީ ހަމަތަކުން އުފަންވި ދަރިކަލުން، މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅުގެ ސަބަބުން އުފަންވި ދަރިކަލުންނާ ދެކޮޅުވެ އަނިޔާވެރިވިއެވެ. ހަމަ އެފަދައިން އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައިވާ މީހުން، އަހަރެމެން މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބުމުގެ ސަބަބުން އުފަންވެފައިވާ މީހުންނާއި ވެސް، ދެކޮޅުވެރިވެ އަނިޔާވެރިވެއެވެ. 30 ނަމަވެސް މިކަންތަކާ މެދު ބާވާލެއްވި ފަތްފުށްތަކުގައި ލިޔެވިގެންވަނީ ކީކޭހެއްޔެވެ؟ ލިޔެވިގެންވެއެވެ. ”އަޅު އަނބި މީހާއާއި އޭނާގެ ދަރި ފޮނުވާލާށެވެ. އެއީ އޭނަޔަށް ތަރިކަމުދަލުގެ އެއްވެސް ބަޔެއް ނުވާތީއެވެ. އެހުރިހާ އެއްޗެއްވެސް ލިބޭނީ މިނިވަން އަނބިމީހާގެ ދަރިއަށެވެ.“ 31 ވީމާ ލޮބުވެތި އަޚުންނާއި އުޚުތުންނޭ އަހަރެމެންނަކީ އަޅެއްގެ ކިބައިން އުފަންވެފައިވާ ދަރިންނެއް ނޫނެވެ. އަހަރެމެންނަކީ މިނިވަން އަންހެނެއްގެ ދަރިންނެވެ.

4‏:6 މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.

*4‏:22 ފެށުން ފޮތުގެ 16، 17، 18، 21، ވަނަ ބާބު.