ޔޫނުސްގެފާނު މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންގަތުން
3
‏1‏-2 އަނެއް ފަހަރު ވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް އަމުރުފުޅު ކުރެއްވިއެވެ.
”ނީނަވާއަކީ ބޮޑު ރަށެއް.
އެރަށަށް ގޮސް އެ ރަށުގެ މީހުންނަށް ތިމަންކަލާނގެ ފަރާތްޕުޅުން އިންޒާރުގެ ޚަބަރު އިއްވާށޭ.“
ދެން ޔޫނުސްގެފާނު އެ އަމުރުފުޅަށް ތަބާވެ އެރަށަށް ދިއުމަށް ހިންގަވައި ވަޑައިގަތެވެ.
‏3 ނީނަވާއަކީ ވަރަށް ބޮޑު ރަށެކެވެ.
ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަން ތިން ދުވަސް ހޭދަވިއެވެ.
‏4 އެކަލޭގެފާނު އެރަށަށް އަރައިވަޑައިގެންނެވި ފުރަތަމަދުވަހު މި ފަދައިން އިންޒާރު ދެއްވިއެވެ.
”ސާޅީސް ދުވަހުގެ ތެރޭގައި މި ރަށް ނެތި ހަލާކުވެދާނެ.“
‏5 ނީނަވާގެ އަހުލުވެރިން މާތްﷲގެ ކިބަފުޅުން އައި އިންޒާރު އަޑު އަހައި ކިޔަމަންގެންފިއެވެ.
އަދި ކުޑައިން ބޮޑަށް އެންމެހައި މީހުން ކެއުން ބުއިން ހުއްޓާލައި މޮޅީން މޮޅި ސާލު ލައި ރޯދަޔަށް ތިބެއްޖެއެވެ.
ނީނަވާގެ އަހުލުވެރިން ތައުބާވުން
‏6 ރަސްގެފާނަށް މި ޚަބަރު އިވިވަޑައިގަތުމުން ތަޚުތުން ފައިބައިވަޑައިގެން އިއްޒަތުގެ ހެދުންކޮޅު ބާލުއްވައި ކިއްތާނީގެ ދެރަ ހެދުމެއް ތުރުކުރައްވައި އަޅިއާއި ކިލާހުރި ބިމުގައި އިށީނދެވަޑައިގެންނެވިއެވެ.
‏7 ދެން ކޮއިލުތެރޭން ރަސްގެފާނާއި ބޮޑުން މި ފަދައިން އަމުރު މަޢުރޫފު ނެރުއްވައިފިއެވެ.
”އެއް ވެސް މީހަކު އަދި އެއްވެސް ގެރިބަކަރި ޖަނަވާރަކުވިޔަސް މިއަދުން ފެށިގެން ކައިބޮއި ހަދައިގެން ނުވާނެއެވެ.
‏8 ހުރިހާ އެންމެން ވެސް މޮޅިސާލު ލާށެވެ.
މިކަމުން ޖަނަވާރެއް ވެސް އިސްތިސްނާއެއް ނެތެވެ.
އަދި އެންމެހައި ވިޔާނުދާ ފާފަތަކުން ދުރުވެ މާތް ﷲއަށް އަޑުން އަޑުނަގާ ދުޢާ ދެންނެވުންމަތީގައި ތިބޭށެވެ.
‏9 ފަހަރުގައި ﷲގެ އިރާދަފުޅު ބަދަލުކުރައްވައި އަހަރެމެންގެ މައްޗަށް އޯގާވަންތަވެ ވޮޑިގެން އަހަރެމެން މަރުން މިންޖު ކުރައްވައި މި ރަށް ސަލާމަތް ކުރައްވައި ފާނެއެވެ.“
‏10 ދެން މާތްﷲ މި މީހުން އެ ގޮތަށް ކަންތައް ކުރިތަން ދެކެވޮޑިގެން އެމީހުންނާއިމެދު އެކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އެރަށް ހަލާކުކޮށް ނައްތަވާ ނުލައްވައި މިންޖު ކުރައްވައިފިއެވެ.